ފުޓްބޯޅައިގެ މަޝްހޫރު ހަތަރު ބެއިންގެ ބައްޕަ ހަސަން އަލީ ނިޔާވެއްޖެ
ދިވެހި ފުޓްބޯޅަ އަށް ހަތަރު ހިދުމަތްތެރިން ނެރެދިން ބައްޕައެއް ކަމަށްވާ، އަދި ކްލަބް އީގަލްސްގެ އެންމެ ފުރަތަމަ މަސްއޫލުވެރިޔާ ހަސަން އަލީ އުމުރުން 78 އަހަރުގައި ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކުރި ހަސަން އަލީ ނިޔާވީ، ލޭގެ ޕްރެޝަރު ދަށްވެގެން، މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ. އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރުނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ހަސަން އަލީގެ ކުދިންގެ ތެރެއިން އަލީ ސުޒޭން، މުހައްމަދު ނަޒީހު، އިބްރާހީމް ސިނާޒް (ސިނާ) އަދި އަހުމަދު ރިޔާޒް (ގާނާ) އަކީ ދިވެހި ފުޓްބޯޅައިގެ ވަރުގަދަ ނަންތަކެއްގެ އިތުރުން، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ތާރީހުގެ މުހިއްމު ބަޔެކެވެ.
ހަސަން އަލީ އަކީ ފަހުން ސީދާ ގުޅުމެއް ނެތަސް، ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ނެރެދިން އަދި ފުރަތަމަ ޑިވިޝަނުގައި ވެސް ކާމިޔާބީތަކެއް ހޯދި އީގަލްސްގެ މުހިއްމު ހިއްސާދާރެކެވެ. މާފަންނު ހުޅަނގު އުތުރުކޮޅުގައި އޭރު އުޅުނު ޒުވާނުންތަކެއް ކްލަބެއް ރަޖިސްޓަރީކުރަން ބޭނުންވެ
އެކަމަކު އުމުރު ހަމަނުވާތީވެ، އެކަން ނުކުރެވި ތިއްބާ އެހީވީ ހަސަން އަލީ އެވެ. އޭރު އެ ހިސާބުގަނޑުގައި ހުންނަ އެންކަރު ކިޔާ ތަނެއްގައި ވަޒީފާ އަދާކުރި ހަސަން އަލީ ވަނީ އީގަލްސްގެ ނަމުގައި އެ ޒުވާނުންނަށް ކްލަބް ރަޖިސްޓަރީ ކޮށްދިނުމުގެ އިތުރުން، ފަށައިގަތުމަށް އެހެން ގޮތްގޮތުން ވެސް އެހީތެރިވެފަ އެވެ.
އީގަލްސް ވެގެންދިޔައީ، ހަސަން އަލީގެ ކުދިންގެ ބޮޑު ހިއްސާއަކާ އެކު، އޭނާގެ ގޭދޮށު ވިކްޓްރީން 2002 ވަނަ އަހަރު ގައުމީ ތަށީ ދެ ވަނަ ފަހަރަށް މިލްކުކުރިއިރު އެ ކްލަބަށް ކުޅުނު އިމްރާން މުހައްމަދު، ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ފަދަ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ނެރުނު ކްލަބަށެވެ.
އެ ފަހަރު ހަސަން އަލީގެ ފުށުން ގަލޮޅު ދާދަރާގެޔަށް ގައުމީ މުބާރާތުގެ ހަތަރު މެޑަލް ވަނެވެ. އޭރު ސުޒޭނަކީ ވިކްޓްރީގެ އެސިސްޓަންޓް ކޯޗެވެ. ގާނާ އަކީ ގޯލްކީޕަރު ޓްރެއިނަރެވެ. ނަޒީހާއި ސިނާ އަކީ ކުޅުންތެރިންނެވެ



