ބޯޓުތަކަށް ނޯތު ހާބަރުން ޖާގަ ލިބުން ދަތިވާތީ އިތުރު ޖާގަ ހޯދަނީ
Share
ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރާތީ ނޯތު ހާބަރުން ބޯޓުތަކަށް ޖާގަ ލިބުމުން ދަތިވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް އިތުރު ޖާގަ އެހެން ސަރަހައްދުތަކުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

ނޯތު ހާބަރު ބަލަހައްޓާ އެމްޕީއެލްގެ މީޑިއާ އޮފިޝަލް ހަސަން ޝިފާން “މިހާރު”އަށް ވިދާޅުވީ ބާޒާރުމަތީ މަގު ހެދުމުގެ މަސައްްކަތާ އެކު، އެ ބަނދަރުގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް މި ދުވަސްވަރު ކުރަމުން އަންނާތީ ބޯޓުތަކަށް ޖާގަ ދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، ބޯޓުފަހަރަށް ކީވޯލުތަކަށް ނޯޓްކުރާ އުސޫލަށް ވެސް މި މަހު ކުރީކޮޅު ބަދަލެއް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުސޫލަށް ގެނައި ބަދަލު
- ބޯޓުފަހަރު މާލެ ނޯތު ހާބަރުގެ ޒޯނުތަކުގެ ކިޔުގައި ނަން ނޯޓުކުރެވޭނީ އެ ބަނދަރުން ފުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ފަހުން.
- ކިޔު ތަރުތީބުން ކީވޯލަށް އުޅަނދު ކައިރި ކުރުމަށް ޖާގަ ލިބުމުން، އެއްވެސް ސަބަބަކާ ހުރެ މާލޭ ނޯތު ހާބަރުގެ ފަޅަށް ނުވަދެވިއްޖެ ހާލަތެއްގައި ފަޅަށް ވަނުމަށް 24 ގަޑިއިރުގެ މުހުލަތެއް ކޮންމެ އުޅަނދަކަށް ދޭނެ.
- އެ 24 ގަޑިއިރުގެ ތެރޭގައި މާލެ ނޯތު ހާބަރު ފަޅަށް ނުވަދެވިއްޖެ ނަމަ، ދާނީ ކިޔުގެ އެންމެ ފަހަތަށް.
އެ އުސޫލު ކުރިން އޮންނަ ގޮތުގައި، ބޯޓުފަހަރު މާލެ އައިސް ނޯތު ހާބަރު ޖާގަ ހޯދުމަށް އެމްޕީއެލްގައި އެދެވެ އެވެ. އެކަމަކު، މިހާރު ޖެހެނީ ރަށުން ފުރުމުގެ ކުރިން ޖާގައަށް އެދޭށެވެ.



